ރާއްޖޭގެ ގޮނޑުދޮށްތައް ގިރަމުންދާ ވާހަކަ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ދަނީ ރާއްޖޭގެ ރަށްތައް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގައުމީ އަދި ރަށު ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގައުމީ ސިޔާސަތުގެ 65 އިންސައްތަ ނިމިފައިވާއިރު، ލާމު އަތޮޅުގެ ތިން ރަށަކާއި އައްޑޫ ސިޓީ މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ތަފްސީލީ ޑިޒައިންގެ 75 އިންސައްތަ ވަނީ ނިމިފައެވެ. ގްރީން ކްލައިމެޓް ފަންޑާއި ޖައިކާގެ އެހީގައި ކުރިއަށްދާ މި މަޝްރޫއުތަކުގެ ދަށުން، 102 ރަށެއްގެ ކޯސްޓަލް ހެޒާޑް މެޕިންގ ވަނީ ނިންމާފައެވެ. މި މަސައްކަތްތަކަކީ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅޭ ދެމެހެއްޓެނިވި ސިޔާސަތުތަކާ ގުޅިފައިވާ މުހިންމު މަސައްކަތްތަކެކެވެ.



