ސުކޫކް އަނބުރާ ދެއްކުމާއެކު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފިއެވެ.
މުހިންމު ކަންތައްތައް
- 1.ފޮރިން ކަރަންސީ އައިޑީއާރު ރޭޓިން 'ސީސީ' އިން 'ސީސީސީ-' އަށް ފިޗް ރޭޓިންގްސްއިން މަތިކޮށްފައިވަނީ 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކު ކާމިޔާބުކަމާއެކު ދައްކައި ނިންމުމާ ގުޅިގެންނެވެ.
- 2.މި ސަރުކާރުން އަނބުރާ ދެއްކި 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނަގާފައިވާ ދަރަންޏެކެވެ.
- 3.ރޭޓިން މަތިވި ނަމަވެސް، ރާއްޖޭގެ ގްރޮސް ރިޒާވްގައި އެންމެ މަހެއްގެ އިމްޕޯޓަށް ފުދޭވަރަށް ފައިސާ ނެތް ކަމަށް ފިޗްގެ ރިޕޯޓުގައި ލަފާކޮށްފައިވެ އެވެ.
- 4.ރާއްޖޭގެ ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން މި އަހަރު 14.6 ޕަސެންޓަށް އަރާނެ ކަމަށް ފިޗުން ލަފާކުރާއިރު، މިއީ ސަރުކާރުގެ އަމާޒު ކަމަށްވާ 7.1 ޕަސެންޓަށް ވުރެ ދެގުނަ އިތުރު އަދަދެކެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް މި ސަރުކާރުން ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާ ގުޅިގެން، ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗް ރޭޓިންސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފިއެވެ. ފިޗުން މިއަދު ނެރުނު ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ 'ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއާ ޑިފޯލްޓް ރޭޓިން' (އައިޑީއާރު) ވަނީ 'ސީސީ' އިން 'ސީސީސީ-' އަށް މަތިކޮށްފައެވެ. މިއީ ބޭރުގެ ދަރަނިތައް ނުދެއްކިދާނެ ކަމުގެ ނުރައްކާ ކުޑަވެ، ރާއްޖޭގެ މާލީ ހާލަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ބުނީ، ދުނިޔޭގެ އިގްތިސާދީ ނުތަނަވަސްކަމުގެ ތެރޭގައިވެސް ދައުލަތުގެ މާލީ ހާލަތު ހަމަޖެއްސުމަށާއި ދަރަނި އަދާކުރުމަށް ސަރުކާރުން ކުރަމުންދާ ހަރުދަނާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރު ބޮޑުވަމުންދާކަން މި ނިންމުމުން ހާމަވާ ކަމަށެވެ. އެހެންނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިކަމަށް އަންނަ ލޮޅުންތަކާއި، ބޭރު ފައިސާގެ ތާށިކަމުގެ ސަބަބުން ފިސްކަލް ހިރާސްތައް އަދިވެސް ހުރިކަން ފިޗްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން، ރާއްޖޭގެ ގްރޮސް ރިޒާވްގައި އެންމެ މަހެއްގެ އިމްޕޯޓަށް ފުދޭވަރަށް ފައިސާ ނެތް ކަމަށް ލަފާކޮށްފައިވާއިރު، ކަރަންޓު އެކައުންޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން މިދިޔަ އަހަރު ހުރި 8.4 ޕަސެންޓުން މި އަހަރު 17.5 ޕަސެންޓަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ބާޒާރުގައި ދިވެހި ރުފިޔާ އިތުރުވުމުގެ ސަބަބުން ޑޮލަރުގެ ރޭޓު ހިފެހެއްޓުމަށް ގޮންޖެހުންތަކެއް ހުރިކަމަށާއި، ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 14.6 ޕަސެންޓަށް އަރާނެ ކަމަށް ފިޗުން ލަފާކުރެއެވެ. މިއީ ސަރުކާރުން މިއަހަރަށް ކަނޑައެޅި 7.1 ޕަސެންޓުގެ އަމާޒަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.
މި ފިސްކަލް ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ދަނީ ހާއްސަ އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންނެވެ. މި މަސައްކަތްތަކަކީ ޕީއެންސީގެ މެނިފެސްޓޯގެ ވައުދުތަކާ ފުށުނާރާ، ގައުމީ ތަރައްގީއަށް ކޮންމެހެން ބޭނުންތެރި ކަންކަމެވެ. ހާއްސަކޮށް، ބޭރު ފައިސާގެ ތާށިކަން ހައްލުކޮށް، ކަރަންޓު އެކްސްޗޭންޖް ރޭޓް ރަސްމީ ހަމަޔަށް ގެނައުމަށް ޕީއެންސީން ވެފައިވާ ވައުދު #260 އާއި، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް ބޭރު ފައިސާ އިގްތިސާދުގެ ތެރޭގައި ދައުރުކުރުން ކަށަވަރުކުރުމަށް ވެފައިވާ ވައުދު #262 ހާސިލްކުރުމަށް ސަރުކާރުން ދަނީ ގާނޫނުތަކާއި ސިޔާސަތުތަކަށް ބަދަލުތައް ގެންނަމުންނެވެ. މި އިސްލާހީ ފިޔަވަޅުތަކާއެކު، ރާއްޖޭގެ އިގްތިސާދު ދެމެހެއްޓެނިވި އަދި ހަމަޖެހޭ މަގަކަށް އެޅުވުމަށް ސަރުކާރުން ދަނީ ވަރުގަދަ ބިންގަލެއް އަޅަމުންނެވެ.
